
މި އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަރަށް ކައިރިވެފައިވާއިރު، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ލީޑަޝިޕް ތެރޭގައި ވަނީ ހޫނު ބަހުސްތަކެއް އުފެދި، ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެފައެވެ. ޕާޓީގެ އެންމެ ބާރުގަދަ ނިންމުންތައް ނިންމާ މަޖިލިސް ކަމަށްވާ ގައުމީ މަޖިލިސްގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުން ތިއްބެވީ ޕާޓީގެ ކުރީ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ފަހަތުގައި ކަން ވަރަށް ބޮޑަށް ފާހަގަ ވެގެން ގޮސްފައިވެއެވެ.
އެހެންނަމަވެސް، ޕާޓީގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ތާއިދުކުރައްވާ ގައުމީ މަޖިލިސް މެމްބަރުން ވެސް މަދެއްނޫނެވެ. ފައްޔާޒުގެ ޓީމްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަތަސް ނަޝީދަށް ތާއިދުކުރާ ގައުމީ މަޖިލިސް މެމްބަރަކު ނެތް ކަމަށް ވާހަކަ ދެކެވުނު ކަމުގައި ވިޔަސް، ހަގީގަތުގައި ގައުމީ މަޖިލީހުގައި ނަޝީދުއަށް ތާއީދު ކުރާ މެމްބަރުން މަދެއްނޫނެވެ. މިއީ ޕާޓީގެ ތެރޭގައި އޮތް ބާރުތަކުގެ މާނަ ކުރުންތަކުގެ ތަފާތު ދައްކުވައިދޭ ކަމެކެވެ.
ފައްޔާޒު އިސްމާއިލް މިދިޔަ މަހުގެ 23 ވަނަ ދުވަހު ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ވަގުތީ ޗެއާޕާސަނެއް ކަނޑައެޅުމުގެ ކަންކަމުގައި ޕާޓީގެ ލީޑަޝިޕުން ވަނީ އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށް ގިނަ ބައްދަލުވުންތަކެއް ބާއްވައިފައެވެ. މި މަޝްވަރާތައް ކުރިއަށް ދިޔައީ ކުރީގެ ރައީސް ސޯލިހު، ޕާޓީގެ ރައީސް ޝާހިދު، ކުރީގެ ޗެއާޕާސަން ފައްޔާޒު އަދި ލީޑަޝިޕްގައި ހިމެނޭ އެހެނިހެން ބޭފުޅުންގެ މެދުގައެވެ. މަޝްވަރާތަކަށްފަހު، އާ ކޮންގްރެސްއެއް ބާއްވައި ޗެއާޕާސަންކަމަށް މީހަކު އިންތިޚާބު ވަންދެން ތިން މެމްބަރުންގެ ކޮމެޓީއަކުން ޕާޓީ ހިންގަން ހަވާލުކުރުމަށް ގައުމީ މަޖިލިސް ޖަލްސާއެއް މިދިޔަ މަހު 27 ވަނަ ދުވަހުގެ ރޭ 8:30 އަށް ތާވަލު ކުރެވުނެވެ.
އެހެންނަމަވެސް، ކުރީގެ ޗެއާޕާސަން ފައްޔާޒުގެ ޓީމުން ދިޔައީ ތިން މެމްބަރުންގެ ކޮމެޓީއަކުން ޗެއާޕާސަންގެ މަސްއޫލިއްޔަތު އުފުލުމާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ. މިކަމާ ގުޅިގެން ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕްގައި ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކުރެވިފައެވެ. ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހޫނުވެފައިވާ މި މާހައުލު ފިނިކުރުމަށް ލީޑަޝިޕުން އިތުރު މަޝްވަރާއަށް ދިއުމަށް، ތާވަލުކުރެވިފައި އޮތް ގައުމީ މަޖިލިސްގެ ބައްދަލުވުން ކެންސަލް ކުރިކަން އިއުލާން ކުރިއެވެ.
ޖެހިގެން އައި ދުވަހު، ނޮވެމްބަރު 28 ވަނަ ދުވަހު، ކުރެވުނު މަޝްވަރާތަކަށްފަހު އެރޭ 8:30 އަށް ގައުމީ މަޖިލިސް ބާއްވަން ޖަލްސާއެއް ތާވަލުކުރެވުނެވެ. އޭރު ދިޔައީ ގައުމީ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ކުރީގެ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމަށް ތާއިދު ނުކުރާކަމަށް ފައްޔާޒްގެ ޓީމަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުންނެވެ. އަސްލަމަކީ ގައުމީ މަޖިލިސްއަށް ނިސްބަތްވާ ބޭފުޅަކަށް ނުވާތީ އަސްލަމަށް ވޯޓަށް ނޭހޭނެކަމަށް ބުނެ ފާޑުކިއުންތައް ދިޔައީ ކުރިއަށެވެ.
މި ޖަލްސާގައި، މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ނަމަވެސް އެ މަގާމަށް އޭނާ ހޮވިވަޑައިގެންފައެއް ނުވެއެވެ. ވަހީދު އައްޔަން ކުރަން ފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 48 މެމްބަރު ވޯޓު ދެއްވިއެވެ. އެ މަގާމަށް ވަހީދު އައްޔަން ކުރަން 48 މެމްބަރުންގެ ވޯޓު ބޭނުންވިއެވެ. އަދި، ޗެއާޕާސަންގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. ނަމަވެސް އަސްލަމަކީ ގައުމީ މަޖިލީހުގެ މެމްބަރަކަށް ނުވާތީ، އެ މަގާމަށް އަސްލަމަށް ވާދަ ކުރެވޭތޯ ބައެއް މެމްބަރުން ސުވާލު އުފެއްދުމުން، ރިޔާސަތުން ނިންމީ އަސްލަމްގެ ނަމަށް ވޯޓަށް ނޭހުމަށެވެ.
މިކަންކަމާ ގުޅިގެން ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު އިންތިހާބުކޮށްފައެއް ނުވެއެވެ. އަދި ގައުމީ މަޖިލިހުގެ ކޯރަމް ގެއްލި، ހޫނުވުމާ ގުޅިގެން ބައްދަލުވުން ވަނީ ނިންމާލައިފައެވެ. މި ހާދިސާތަކުން ދައްކުވައިދެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި އޮތް ވާދަވެރިކަން އެ ޕާޓީގެ ތެރޭގައި އަދިވެސް ހުރިކަމެވެ. ސޯލިހާއި ޕާޓީގެ ރައީސް ޝާހިދު ބޭނުންވަނީ ފައްޔާޒަށް ކޮންޓްރޯލް ނުކުރެވޭ މެމްބަރަކު ވަގުތީ ޗެއާޕާސަނަކަށް އައްޔަންކުރާށެވެ.
އެމްޑީޕީން ބުނީ، ޗެއާޕާސަންގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެން، މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތެއް ނިންމަން ގައުމީ މަޖިލިހަށް ދޫކޮށްލަން ހިންގާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި ޗެއާޕާސަނަކު ހޮވުމުގެ ކަންކަން ކުރިއަށް ގެންދަނީ ހުޅުވާލެވިފައިވާ މާހައުލެއްގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު، ގައުމީ މަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ބައެއް އާންމު މެންބަރުންގެ ހިޔާލުހޯދާލުމުން ބުނަނީ ބޭނުންވަނީ އާމޫނެއް ކަމަށާއި އެމްޑީޕީ އަކީ އަބަދުވެސް ބަދަލައް ލޯބިކުރާ ބައެއް ކަމަށެވެ. އަދި ފައްޔާޒުގެ ސިޔާސަތުތައް ކަމުދާ ކަމަށް ވެސް އެ މެންބަރުން ބުނެފައިވެއެވެ. މިކަމުން ދައްކުވައިދެނީ ޕާޓީގެ އާންމު މެންބަރުންގެ ތެރޭގައި ވެސް ލީޑަޝިޕްގައި އޮތް މި ހޫނު ވާދަވެރިކަމަށް ތަފާތު ނަޒަރިއްޔާތުތަކެއް ހުރިކަމެވެ.